ތުރުކީވިލާތުގައި ކުރިޔަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ އެ ޤައުމަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ތުރުކީގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައި މިއަދުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް މި އަހަރުގެ ކޮޕް ސަމިޓް ކުރިޔަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ މި މަހުގެ 11 އިން 12 އަށް ބާއްވާ ވޯލްޑް ލީޑާސް ސަމިޓުގައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖެއަށް ނުހަނު މުހިންމު ސަމިޓެއް ކަމަށާއި ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އިސް ދައުރެއް އަދާކުރަމުން އަންނަ ޤައުމެއް ކަމަށެވެ.
”އަޅުގަނޑުމެންނަކީ ތިމާވެށި ހިމާޔަތް ކުރުމުގައި ވަރަށް ޒިންމާދާރުކަމާއެކު އިންޓަރނޭޝަނަލް ފްރަންޓުގައިވެސް އަދި ލޯކަލީވެސް މަސައްކަތް ކުރަމުންދާ ބައެއް. އެހެންވީމަ އަޅުގަނޑުމެން ބޭނުންވޭ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ވީހާވެސް ގިނަ މަސައްކަތްތައް ކުރާ ބަޔަކަށްވާން،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތާއި، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަދަ އަމާޒުތަކަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. އަދި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ތެރޭގައި ހިމެނޭ ޤައުމެއް ނަމަވެސް، ގޮނޑުދޮށްތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުން ފަދަ ކަންކަމުގައި ވަކާލާތުކޮށް، ބައިނަލްއަޤްވާމީ އެއްބަސްވުންތައް ތަންފީޒުކުރުމަށް މި ސަމިޓުގައި ބާރުއަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޚާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެއަށް އިސްކަންދޭ ’މޯލްޑިވްސް ފަސްޓް‘ ސިޔާސަތު ތަންފީޒުކުރެއްވުމަށެވެ. އެގޮތުން ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި 20 ދާއިރާއަކުން އެއްބަސްވުންތައް ޤާއިމުކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން މޯލްޑިވިއަން މެދުވެރިކޮށް ވައިގެ ދަތުރުތައް ފެށުމާއި އަދި ކަނޑުމަގުން ދަތުރުތައް ފެށުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މި ދަތުރުތަކާއެކު އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސަރަހައްދީ ކޮންމެ ދަތުރުފުޅެއްގައިވެސް އެ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ. އެގޮތުން ސާކްގެ ހަރަކާތްތައް ހުއްޓިފައި އޮންނަތާ 10 ވަރަކަށް އަހަރު ވެފައިވާއިރު، އެ ޖަމިއްޔާގެ މަސައްކަތްތައް އަލުން ފަށައިގަތުމަށް ރާއްޖެއިން މަޝްވަރާތައް ކުރަމުންދާކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.



