މި ސަރުކާރުން ސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރު ނުކުރާނެ ކަމަށާއި، ސަރުކާރުން އަބަދުވެސް ޤާނޫނީ ހަމަހަމަކަން ދަމަހައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ވަޒީރެއްގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކާ ގުޅިގެން ބާރުގަދަ ފަރާތްތަކުގެ މައްޗަށް ޤާނޫނު ނުހިނގާކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، ސިޔާސީ ބޭނުމުގައި އެއްވެސް ފަރާތެއް ހައްޔަރުކުރުމަކީ މިހާތަނަށްވެސް މި ސަރުކާރުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ޢަމަލުތަކަކީ ސިޔާސީ ގޮތުން ބަދަލުހިފުމުގެ ޢަމަލުތަކެއް ކަމަށާއި، އެއީ އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިފަދަ މައްސަލަތަކަކީ ވަރަށް ހައްސާސް މައްސަލަތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ތުހުމަތު ކުރެވޭ ފަރާތަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ޤާނޫނުގެ ބާރު ފުރިހަމައަށް ހިނގާނެ ކަމަށެވެ. އެގޮތުން ޤާނޫނު ތަންފީޒު ކުރުމުގައި އެ ޢަމަލެއް ހިންގިކަމަށް ބެލެވޭ ފަރާތަކާމެދު އިޖުރާއާތުތައް ފުރިހަމަކޮށް (ޑިއު ޕްރޮސެސް) ކުރިއަށް ގެންދިއުމަށް ދައުލަތުން ފުރުޞަތު ދޭނެ ކަމަށާއި، އެފަދަ ކަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
”ރޫލް އޮފް ލޯ ތަންފީޒުކުރުން، ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން، މިހެންގޮސް މިހުރިހާކަމެއް އެއީ މިތަނުގައި ޔަޤީންކަން ލިބިފައިވާ ކަންކަންކަމުގައި ވާންޖެހޭނެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެއްވެސް ޙާލަތެއްގައި އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި، ދުވަހަކުވެސް ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާމެދު ފިޔަވަޅު އެޅުމަކީ މިއަދާ ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.



