މުޅި ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކުމަށް ހަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގައި ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށުނުއިރު އެ މަސައްކަތަށް ގާތްގަނޑަކަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ކުރިން އަންދާޒާކުރެވުނު ކަމަށެވެ.
އަދި އެގޮތަށް އޭރު ހިސާބު ހެދީ ކުރީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ކޮށްފައިވާ ހަރަދުތަކަށް ބަލައިގެން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ވީހާވެސް ހަރަދު ކުޑަކުރެވޭނެ އިންތިޒާމުތަކަކާ އެކުގައި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ޖުމްލަ ހަރަދު 330 މިލިއަން ޑޮލަރަށް ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”މާނައަކީ މުޅި ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކުމަށްޓަކާ ދައުލަތުން ހަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 330 މިލިއަން ޑޮލަރޭ. އޭގެ 500 ހެކްޓަރަށް ބަލައިފިނަމަ އެއީ 160 މިލިއަން ޑޮލަރުވަރު،“ މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މީގެއިތުރުން، ސިޔާސީ އެކި ފަރާތްތަކުން ރަސްމާލެ ހިއްކުމަށް ދައުލަތުން 700 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މި މަޝްރޫއަށް ހަރަދުކުރި 330 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ދައްކާފައިވަނީ ދިވެހި ރުފިޔާއިން ކަމަށާއި، އެއީ ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ތާށިކަމަށް ކުރާނެ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.



