މިދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ އެކަމަށް ދުރާލާ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގައި ތަފާތު ވައިރަސްތަކާއި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްވެސް މި ދުވަސްވަރު އަންނަނީ އިތުރުވަމުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ، ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާތީ، ފެންބޮޑުވުމުގެ ސަބަބުންނާއި ގޯތިގެދޮރާއި އާންމު ސަރަހައްދުތަކުގައި ފެން ހެދޭ ގޮތަށް ހުންނަ ތަކެތީގައި އެޑިސް މަދިރި އާލާވުން އިތުރުވެފައިވާ ކަމަށެވެ. މީގެ ސަބަބުން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުމާއި ޗިކުންގުންޔާ ފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމުގެ އިތުރުން މަސްތަކާއި ހުޅުތަކުގައި ރިއްސުން ހިމެނެއެވެ.
މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމުގެ އިތުރުން މަދިރި ލޯޝަން ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ އިތުރުން، ވައިގެ ޒަރިއްޔާއިން ފެތުރޭ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރުންވެސް އަންނަނީ އިތުރުވަމުންނެވެ. އިންފްލުއެންޒާއަކީ އާދައިގެ ރޯގާއާ އެއްގޮތް އަލާމާތްތަކެއް ފެންނަ ބައްޔެއް ނަމަވެސް، މިއީ އާދައިގެ ރޯގާއަށްވުރެ ނުރައްކާތެރި، ވަކި ދެ ވައިރަހަކުން ޖެހޭ ދެ ބައްޔެކެވެ. ކެއްސައި ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ނިވާނުކުރުމަކީ މި ބަލިތައް އަވަހަށް ފެތުރޭ ސަބަބެކެވެ. މިފަދަ ރޯގާތަކުގެ ނުރައްކާ ޚާއްޞަކޮށް ބޮޑީ ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށެވެ.
ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސައިބޯނި ލައިގެން ގަވާއިދުން އަތްދޮވުމާއި، ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށާއި، ގޭތެރެއާއި ވަށައިގެންވާ ސަރަހައްދުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކެއްސައި ކިނބިހިއަޅާއިރު އުޅަނބޮށި ނުވަތަ ޓިޝޫއަކުން އަނގައާއި ނޭފަތް ނިވާކުރުމަށާއި، ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި މާސްކު އެޅުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ގޭގައި އަރާމުކުރުމަށާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ. ނަމަވެސް 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން މަޑުނުވުން، ވާގިނެތުން ނުވަތަ ކާތަކެތި ނުހިފެހެއްޓުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންޖެހެއެވެ.
ޚާއްޞަކޮށް 5 އަހަރުން ދަށުގެ ކުދިން، ވަކިން ބޮޑަށް 2 އަހަރުން ދަށުގެ ކުދިންނަށް އިންފްލުއެންޒާ ޖެހިއްޖެނަމަ ހާލަތު ސީރިއަސްވުމުގެ ފުރުސަތު ބޮޑުކަމަށްވުމާއެކު، އެފަދަ ކުދިން ވަރުބަލިވެ 6 ނުވަތަ 8 ގަޑިއިރު ވަންދެން ކުޑަކަމު ނުދެވޭނަމަ ނުވަތަ ގާތުން ކިރު ނުބޯނަމަ އަވަހަށް ފަރުވާ ހޯދަންޖެހޭނެއެވެ.




