ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ މަޝްރޫޢުގެ ދަށުން، ފޭސް 2 ގައި ސްޕީޑް ބްރޭކަރު ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި މަސައްކަތް އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަސް ދަތުރުކުރާ ލޭންތަކުގައެވެ. މިގޮތުން ބަސް ލޭންތަކުގައި ސްޕީޑް ބްރޭކަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނީ 11 ނޮވެމްބަރުން ފެށިގެން 14 ނޮވެމްބަރުގެ ނިޔަލަށެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ބަހުގެ ޚިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކު ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ގެނެވޭ ބަދަލުތަކަށް ސަމާލުވެ، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ބަސް ލޭންތަކުގެ މަސައްކަތް ނިމުމުން، ހުޅުމާލެ ފޭސް 2 ގެ ކަނޑައެޅިފައިވާ އެހެން ސަރަހައްދުތަކުގައި ވެސް ސްޕީޑް ބްރޭކަރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
މި މަސައްކަތުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މަޢާފަށް އެދިފައެވެ. އަދި މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ މިފަދަ މުހިންމު މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ކޯޕަރޭޝަނުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.




