ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް ހަދައި މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަސައްކަތް ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދު ވަގުތީގޮތުން އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި ދުވަސްތަކުގައި މަގު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށެވެ.
މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް އަޑުގަދަވުމާއި، ރޯލަރު ބޭނުންކުރުމުގެ ސަބަބުން ވައިބްރޭޝަން އިހުސާސްވުމުގެ އިތުރުން ހިރަފުސް އެރުން އެކަށީގެންވާ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
އެހެންކަމުން އެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކާއި މަގު ބޭނުންކުރާ އާންމު ރައްޔިތުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.



