މާލެއިން ގެއްލިގެން ހޯދަމުންދާ ފިރިހެން މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ) އެވެ.
ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް އާއިލާއަށް ވެފައި ނުވާ ކަމަށެވެ. އަދި އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އާދަމް އިކްރާމް ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.




