މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށާއި، ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން“ މި މައުޟޫޢަށް މިއަދު އިއްވި ހުތުބާގައި ބުނިގޮތުގައި، އިންސާނުންގެ މައްޗަށްވާ މާތް ﷲގެ ނިޢުމަތްތަކަކީ ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތަކެކެވެ.
މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުން ކަމަށާއި، މިއީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ އަދި މާތް ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނޭ ކަމާއި، ނިޢުމަތްތަކަށް ފުރަގަސްދިން ބަޔަކަށް ގަދަފަދަ ޢަޛާބު ދެއްވާނޭކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެނގޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރަށް، އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހުމިއްޔަތެއް ދީފައިވާ ކަމެއްކަން ފާހަގަކުރައްވައި، ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް އަމުރުކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ހަމައެއާއެކު، ތިމާ ދަތިޙާލުގައި ވަނިކޮށް މާތް ﷲގެ ފަޟުލުވަންތަކަމުން ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް މީސްތަކުންނަށް އެފަދަ ވާހަކަތައް ކިޔައިދީ އުޅުމަކީ، ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓުމަށްޓަކައި، ދުންޔަވީ ކަންކަމުގައި ތިމާއަށް ވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ލިބިފައިވާ ނިޢުމަތްތަކުގެ މަތިވެރިކަން ވަޒަންކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އިސްރާފުކުރުމާއި ބޮޑާވުމުން ދުރުހެލިވެ، ޚާލިޤުވަންތަ ރަސްކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމުގައި އެ ނިޢުމަތްތައް ހޭދަކޮށް ރައްކާތެރިވުމަށް އިލްތިމާސްކުރިއެވެ.
ޚުޠުބާ ނިންމާލަމުން ފާހަގަކުރި ގޮތުގައި، ނިޢުމަތްތަކަށް ޝުކުރުވެރިވުން ފުރިހަމަވަނީ އިންސާނާގެ ހިތާއި ދުލާއި ގުނަވަންތައް އެކަމުގައި ޝާމިލުކޮށްގެންނެވެ.




