މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެކްސްޕޯގައި ބައިވެރިކުރި ނަން މަޝްހޫރު ”ބާބާ ގާޑިޔާ“ ގެ މަސްއޫލުވެރިޔާ ހަސަން އަތީގު (ބާބާ) އަށް ހާޓް އެޓޭކެއް ޖެހި، އިތުރު ފަރުވާއަށް އިންޑިއާއަށް އިއްޔެ ފުރައިފިއެވެ.
”ބާބާ“ ގެ ނަމުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އަތީގުއަށް ހާޓް އެޓޭކެއް ޖެހުނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު، އޭނާގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކުގައި ހުއްޓައެވެ. އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް ފަހުން ފަރުވާ ދިނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
ސޯޝަލް މީޑިއާގައި ”ބާބާ ގާޑިޔާ“ އަމިއްލަ ނަމުގައި އަތީގު ކުރި ފުރަތަމަ ޕޯސްޓުގައި އޭނާވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށްދީ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭދީ އެކަމަށްޓަކައި އާންމުންގެ ދީލަތި އެހީއަށް އެދިފައެވެ.
އެގޮތުން އަތީގު ބުނީ އިތުރު ފަރުވާއަށް މާލެ ގެނައިފަހުން މިހާތަނަށް އޭނާގެ ހިތުގެ ދެ އެންޖިއޯގްރާމް ހަދާފައިވާ ކަމަށެވެ. އަދި އެންޖިއޯގްރާމް އަށްފަހު އޭނާގެ މެޔަށާއި ކަރުގެ ދެފަރާތުން ނާރު ދުޅަވެ ރިއްސާތީ ރޭގަނޑު ހަމަނިދި ނުލިބޭ ކަމަށް ވެސް އަތީގު ބުންޏެވެ.
ހާޓްއެޓޭކް ޖެހުނު ފަހުން އޭނާގެ ކަރުގެ ދެފަރާތުގެ ނާރު ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި ނާރު ދުޅަވެ ރިއްސާތީ އައިޖީއެމްއެޗަށް ދާ ކޮންމެ ފަހަރަކު އިމަޖެންސީ ރޫމްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ކަމަށް ވެސް އަތީގް އޭނާގެ ބުނެފައިވެއެވެ.
”ޑޮކްޓަރު ބަލާފައި އެކިއެކި ޓެސްޓްތައް އެބަ ހަދަ އެވެ. އެހެނިހެން ދާއިރާގެ ޑޮކްޓަރުންނަށް ދައްކަން ބުނެގެން އީއެންޓީ، ނިއުރޯ، ކާޑިއޯ ޑޮކްޓަރަށް ދައްކައިގެން ވެސް އަސްލު ދިމާވެގެން އުޅޭ މައްސަލައެއް އެއްވެސް ބަޔަކަށް ކިޔައި ނުދެވެއެވެ.“ އަތީގު އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން އަތީގު ބުނީ، އޭނާގެ ބައްޔަށް އެއްވެސް ލުޔެއް ނުލިބޭތީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އާސަންދަ ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، އޭނާއަކީ ދިރިއުޅުމަށް އަމިއްލަ މަސައްކަތް ކުރަމުން އައި މީހަކަށް ވެފައި، ބަލިވުމާ ގުޅިގެން ގާޑިޔަލުގެ ވިޔަފާރި ހުއްޓިފައިވާތީ މިވަގުތު އާމްދަނީ ލިބޭނެ އިތުރު އެއްވެސް މަގެއް ނެތް ކަމަށެވެ. އެހެންކަމުން އޭނާވަނީ އާންމުންގެ ދީލަތި އެހީއަށް އެދިފައެވެ.
ބާބާއަށް ހާޓް އެޓޭކެއް ޖެހި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އާންމުންގެ އެހީއަށް އެދިއްޖެ
އޭގެފަހުން އިއްޔެ އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ސިއްޙަތަށް ދިމާވި ކުއްލި ކަމަކާއި ގުޅިގެން އުނދަގޫ ދުވަސްތަކެއް ތަޙައްމަލު ކުރަމުންދާ ކަމަށެވެ. އަދި އަތީގުގެ އެ ބައްޔަށް ރަނގަޅު އަވަސް ފަރުވާ ކުރުމަށް އެންމެންގެ ދީލަތި އެހީއާއި ހެޔޮދުޢާ އާއެކު އިއްޔެ އިންޑިއާއަށް ދަތުރު ފަށާފައިވާކަމަށް އޭނާ ބުންޏެވެ.
”އެނގިހުރެ ނުވަތަ ނޭނގި ނަމަވެސް ދުވަހަކުވެސް މީހަކަށް އަނިޔާއެއް، ނުވަތަ ހިތްދަތިކަމެއް ނުވަތަ ދެރައެއް ދެވިފައިވާނަމަ އަޅުގަނޑަށް މަޢާފުކުރައްވާށެވެ. އަޅުގަނޑުގެ ކުރިމަތީގައި މިވަނީ އުނދަގޫ އިމްތިހާނެކެވެ. އަޅުގަނޑަށް ހެޔޮ ދުޢާކޮށްދޭށެވެ. އަޅުގަނޑުގެ ހެޔޮދުޢާ އަބަދުވެސް ތިޔަބޭފުޅުންނާއި އެކު ވާނެއެވެ.“ އަތީގު ބުނެފައިވެއެވެ.
މީގެއިތުރުން އޭނާއަށް އެކި ގޮތްގޮތުން އެހީތެރިވެ ހެޔޮދުޢާކޮށް، އޭނާގެ ޕޯސްޓް ޝެއާކޮށް ލައިކްކޮށް ކޮމެންޓް ކުރި ހުރިހާ ފަރާތްތަކަށް ވެސް އޭނާވަނީ ހިތުގެ އަޑިން ޝުކުރު އަދާކޮށްފައެވެ.
”މާތް ﷲ ތިޔަ އެންމެހާ ފަރާތްތަކަށް ދުޅަހެޔޮކަމާއި އުފާ ފާޤަތިކަމާއި ރޯދި ބަރަކާތް އިތުރު ކުރައްވާށި. އާމީން“ ނިންމާލަމުން އޭނާ ބުނެފައިވެއެވެ.



