ދިވެހިރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަޤްފު އިމާރާތް ކަމަށްވާ ”ދާރުއްސަލާމް“ ގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކުރުމަށާއި، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޖުމްލަ 244 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިންގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މަޝްރޫޢުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މަސައްކަތުގެ ޢަމަލީ ދައުރު ފެށިފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ހުޅުމާލޭގެ އަމީން އެވެނިއު ކުރިމަތީގައި އޮންނަ ބިމުގައި މި އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. ޒަމާނީ ފެންވަރަށް 13 ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތުގައި ޕާކިންގ ސަރަޙައްދަކާއި، ގްރައުންޑް ފްލޯގައި ރިސެޕްޝަނެއްގެ އިތުރުން އިތުރު ޕާކިންގ ވަސީލަތްތައް ހިމެނެއެވެ. މީގެއިތުރުން ކޮންފަރެންސް ހޯލަކާއި، ޒަމާނީ އޮފީސް ޖާގަތަކާއި، މީޓިންގ ރޫމުތަކާއި، ނަމާދުކުރާ ކޮޓަރިއެއް އަދި ޑޭ ކެއަރ ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިމާރާތުގައި ލިފްޓު ހަރުކުރެވިގެންދާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެއެވެ. އަދި އިމާރާތުގެ ރޫފްޓޮޕް ތަރައްޤީ ކުރަނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ. އެއްބަސްވުމުގެ ދަށުން، މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މެއިންޓެނަންސް މަސައްކަތް ބަލަހައްޓާނީވެސް އާރްސީސީންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މި އިމާރާތުގެ މަސައްކަތް ނިމުމުން އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އެގޮތުން މި އިމާރާތުން އަހަރަކު 60 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މި އާމްދަނީގެ ތެރެއިން 20 އިންސައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޚާއްޞަކުރާއިރު، ބާކީ 80 އިންސައްތަ ޖަމާކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ވަޤްފު ފަންޑަށެވެ.



