ދިވެހިންގެ މެދުގައި އޮތް އިޙުތިރާމް ކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ”އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މި މަޝްރޫޢު ފައްޓަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ މޮނިއުމެންޓެއްގެ މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިދެއްވާފައެވެ.
މި ކެމްޕެއިން ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ކުންފުނިތަކުގެ އިތުރުން، ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތައް އަދި ގިނަ ޢަދަދެއްގެ ސްކޫލް ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މަޝްރޫޢުގައި މައިގަނޑު ގޮތެއްގައި އިސްކޮށް ހަރަކާތްތެރިވަނީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.
މި ޤައުމީ މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އެކަކު އަނެކަކަށް ޤަދަރާއި އިޙުތިރާމް އަދާކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން ދިރުވައި އާލާކުރުމެވެ. އަދި ޚާއްޞަގޮތެއްގައި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މި ސިފަ ހަރުދަނާކޮށް، ދިވެހި މުޖުތަމަޢަކީ އަޅާލުމާއި އިޙުތިރާމް އޮތް އެކުވެރި ބައެއްގެ ގޮތުގައި ބިނާކުރުމެވެ.
ދިވެހިންގެ ތެރެއިން ފަނޑުވަމުންދާ މިފަދަ ރިވެތި އާދަތައް އަލުން ދިރުވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ނިންމެވީ، ދިވެހިންގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުންނެވެ.
ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން މަސައްކަތްތަކެއް ފަށާފައިވާއިރު، ރާއްޖޭގެ ތާރީޚު ދިރާސާކުރުމާއި ޘަޤާފީ ކަންކަން ދިރުވައި އާލާކުރުމަށްޓަކައިވެސް މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.



