ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، ދިވެހިން ވާންވީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ އަދި އެކަކު އަނެކަކުގެ ލެޔާއި، މުދަލާއި ޢަބުރު ރައްކާތެރިކުރާ ބަޔަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރޭ އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަސްލު ރޫޙަކީ އެކަކު އަނެކަކަށް އިޙްތިރާމާއި ޤަދަރުކުރުން ކަމަށެވެ.
”އަޅުގަނޑުމެންގެ އިސްލާމްވަންތަކާއި ދިވެހިވަންތަކަމުގެ ރޫޙަކީ، އިޙްތިރާމްކުރުމާއި، އެކަކު އަނެކަކަށް ޤަދަރުކުރުންކަން އަބަދުވެސް ހަނދާން ކުރަންޖެހޭ. އެކަކު އަނެކަކުގެ ކަރާމާތާއި ޤަދަރަށް ކުޑަވެސް އުނިކަމެއް އަންނާނޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުވާންޖެހޭ. މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތްކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާންޖެހޭ. ޣީބަބުނުމާއި އާޑަފުރައްސާރަ ކުރުމުގެ ނުބައި ޢަމަލާ ހަމަހިލާ ކައިރިނުވުމަށް ޢަޒުމް ކަނޑައަޅަންޖެހޭ،“ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ އުޅުމާއި ގުޅުންތައް މި މިންގަނޑުގައި ބަހައްޓައިފިނަމަ، މުޅި މުޖުތަމަޢަކީ މާތްﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ވެއްޓަކަށް ވެގެންދާނެ އެވެ. އަދި އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަބުނުމާއި، ދޮގުހެދުމުގެ ނުބައި ސިފަތަކުން ދިވެހި މުޖުތަމަޢު ޠާހިރުކޮށްފިނަމަ، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ރާއްޖެ ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިޙްތިރާމް ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައްކުރުމެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ، އެ މުޑުވަކުން ފަޅައިގެން އަންނަ ގަސްތަކުގެ ހިޔަލަކީ އިންތިހާއަށް ބޭނުންތެރި އެއްޗެއް ކަމަށާއި އޭގެ މޭވާއަކީ ހިތްތަކަށް ލިބޭ ފުން ތަސައްލީއެއް ކަމަށެވެ.
ޒަމާނީ ނަފުސާނީ ޢިލްމުގެ ހޯދުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މުޖުތަމަޢެއްގައި އެކަކު އަނެކެއްގެ ހައިސިއްޔަތަށް އިޙްތިރާމް ކުރުމަކީ ކުލުނާއި ގާތްކަން އިތުރުކޮށްދީ، ހަމަޖެހުމާއި އަމާންކަން ގެނެސްދޭ ކަމެއް ކަމަށެވެ.
އަދި މިއީ އިޖުތިމާޢީ ތަރުބިއްޔަތާއި އިންސާނީ ތަހުޒީބީ އަޚުލާޤުގެ މުހިންމު ބައެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.




