ފަލަސްޠީނުގެ މިނިވަންކަން ކަށަވަރުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވަނީ މި މުނާސަބަތުގެ ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަށާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުޞްޠަފާގެ އިތުރުން އެ ޤައުމުގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރައީސް ވިދާޅުވީ، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމުގެ މަތިވެރި އުންމީދު ޙަޤީޤަތަކަށް ހެދުމަށް ދިވެހިރާއްޖެއިން ކުރާ ތާއީދާއި ދޭ އެއްބާރުލުން އަބަދުވެސް ދަމަހައްޓާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ކަރާމާތާއި ރައްކާތެރިކަމާއެކު އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ޙައްޤު ލިބިދޭންޖެހޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައިކަން ތަކުރާރުކުރައްވަމުން، އެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ޙައްލަކީ ދެ ދައުލަތުގެ ޙައްލު ކަމުގައި ރައީސް މީގެކުރިންވެސް ބައިނަލްއަޤްވާމީ އެކި މައިދާންތަކުގައި ވަނީ ވިދާޅުވެފައެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލަމުންދާއިރު، އެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހިންގާ ޢުދުވާންތައް ރާއްޖެއިން އަންނަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.
މީގެއިތުރުން އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެނުވެވޭގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުމަށް ނިންމާފައިވާ ނިންމުމަކީވެސް ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ދައްކުވައިދޭ ކަމެކެވެ.



