މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ އާޓް އެގްޒިބިޝަނަށް ކުރެހުންތައް ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
”ސީސައިޑް ސްޓޯރީސް – ސެލެބްރޭޓިން ފިޝަރީސް ތްރޫ އާޓް“ ގެ ނަމުގައި ބާއްވާ މި މައުރަޒު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 6 އިން 10 އަށް މާލޭގައެވެ.
މި އެގްޒިބިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ތިން ކެޓަގަރީއަކަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޖޫނިއާ ކެޓަގަރީއާއި، 12 އަހަރުން މަތީގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ އޯޕަން ކެޓަގަރީގެ އިތުރުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހާއްސަ އިންޓަނޭޝަނަލް ކެޓަގަރީއެވެ.
އިންޓަނޭޝަނަލް ކެޓަގަރީގެ ހުށަހެޅުންތައް އަމާޒުކުރަންވާނީ އެހެން ގައުމެއްގެ މީހެއްގެ ނަޒަރުން ރާއްޖޭގެ މަސްވެރިކަން ސިފަކުރާ ގޮތާއި، ރާއްޖޭގެ މަސްވެރި ސަގާފަތް އަދި ދިވެހިންގެ ސާދާ ދިރިއުޅުން ބައިނަލްއަގުވާމީ ނަޒަރަކުން ދައްކުވައިދޭ ގޮތަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރުން ހުރިހާ ކެޓަގަރީއެއްގެ ތީމުތަކަށްވެސް ކުރެހުންތައް ހުށަހަޅަން ޖެހޭނީ މަސްވެރިކަން ސިންދަފާތު ކުރުމާއި މަސްވެރިކަމުގެ އައު ޖީލެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މިފަދަ މައުރަޒެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ފުރުސަތުތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކުރެހުންތެރިންނާއި ފަންނާނުންނަށް އެ ފަރާތްތަކުގެ އުފެއްދުންތެރިކަން ދައްކާލެވޭނެ ޕްލެޓްފޯމެއް ތަނަވަސްކޮށްދިނުމެވެ.
މި އެގްޒިބިޝަނަށް އާޓްވޯކު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އެ މިނިސްޓަރީން އާންމުކޮށްފައިވާ އިއުލާނުގައި ހިމަނާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.



