ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ށ.އަތޮޅުން އދ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު 14:00 އިން އިރުއޮއްސި 18:00 އަށެވެ.
މެޓުން ބުނީ، ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިޔަށް އޮތް 24 ގަޑިއިރު މޫސުމް ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން މައުލޫމާތު ދެއެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި، 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ. މީގެއިތުރުން ކަނޑުތައް އާދައިގެ ވަަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި، ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



