މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން ޝަރީޢާ ހަމަތަކަށް ފުރިހަމައަށް ފެތޭ އައު ކްރެޑިޓް ކާޑު އައު ކްރެޑިޓް ކާޑުތަކެއް ތަޢާރަފްކޮށްފިއެވެ.
މި ޚިދުމަތަކީ އިސްލާމީ ބޭންކިންގގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމަރުންގެ ބަދަލުވަމުންދާ މާލީ ބޭނުންތަކަށް ޒަމާނީ ޙައްލުތަކެއް ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ބޭންކުން ބުނެއެވެ.
އެމްއައިބީގެ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ބަހާލެވިފައިވަނީ މައިގަނޑު ހަތަރު ގިންތިއަކަށެވެ. އެއީ އަމިއްލަ ފަރުދުންނަށް ޚާއްޞަ ގޯލްޑް، ޕްލެޓިނަމް އަދި ސިގްނަޗަރ ކާޑުގެ އިތުރުން ވިޔަފާރިތަކަށް ޚާއްޞަ ބިޒްނަސް ކާޑެވެ. މި ކާޑުތަކުގެ ކްރެޑިޓް ލިމިޓް އުޅެނީ 12,000 ރުފިޔާއިން ފެށިގެން 300,000 ރުފިޔާއާ ދެމެދުގައެވެ. ކާޑު ދޫކުރުމުގައި ބަލާނީ ޚިދުމަތަށް އެދޭ ފަރާތުގެ އާމްދަނީއާއި މާލީ ޤާބިލުކަމަށް ކަމަށް އެމްއައިބީން މަޢުލޫމާތު ދެއެވެ.
މި ކާޑުތަކުގެ ތެރެއިން ގޯލްޑް ކާޑަށް 12,000 އިން ފެށިގެން 50,000 ރުފިޔާއާ ދެމެދުގެ ލިމިޓެއް ކަނޑައަޅާފައިވާއިރު، ޕްލެޓިނަމް ކާޑަށް ދޫކުރަނީ 50,000 އާއި 100,000 ރުފިޔާއާ ދެމެދުގެ ލިމިޓެކެވެ. އަދި ސިގްނަޗަރ ކާޑަށް 100,000 އިން ފެށިގެން 300,000 ރުފިޔާއާ ހަމައަށް ލިމިޓް ލިބޭއިރު، ވިޔަފާރިތަކަށް ޚާއްޞަ ބިޒްނަސް ކާޑުގެ ލިމިޓަކީ 100,000 އާއި 300,000 ރުފިޔާއާ ދެމެދެވެ.
މީގެއިތުރުން، އަމިއްލަ ފަރުދުންނަށް ދޫކުރާ ކާޑުތަކަށް މަހުން މަހަށް ބޭނުންކުރެވޭނެ އެމެރިކާ ޑޮލަރުގެ ލިމިޓްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގޯލްޑް ކާޑަށް މަހަކު 300 ޑޮލަރު، ޕްލެޓިނަމް ކާޑަށް 400 ޑޮލަރު އަދި ސިގްނަޗަރ ކާޑަށް 500 ޑޮލަރު ކަނޑައަޅާފައިވެއެވެ. ނަމަވެސް ބިޒްނަސް ކާޑަށް ވަކި ޑޮލަރު ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ.
މި ކާޑުތަކުން ކުރާ ޚަރަދުތަކަށް އަނބުރާ ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މަހުން މަހަށް ދައްކަންޖެހޭ ޖުމްލަ އަދަދުގެ މަދުވެގެން 5 އިންސައްތަ ނުވަތަ މުޅި އަދަދު އެއްކޮށް ދެއްކުމުގެ އިޚްތިޔާރު ކަސްޓަމަރުންނަށް ލިބިގެންވެއެވެ. ކާޑުގެ މަހު ބަޔާން (ސްޓޭޓްމަންޓް) ކޮންމެ މަހެއްގެ 10 ވަނަ ދުވަހު ފޮނުވާއިރު، ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ އެ މަހެއްގެ 30 ވަނަ ދުވަހެވެ.
ފައިސާ ދެއްކުމުގެ ޚިދުމަތް އެމްއައިބީގެ ފައިސާނެޓް، ފައިސާ މޮބައިލް، އޭޓީއެމް ނުވަތަ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.



