ދިވެހި ރައްޔިތުންގެ އަތުގައި މިހާރު އޮންނަ އައިޑީކާޑަކީ، ހަމައެކަނި ޕްލާސްޓިކް ކާޑެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ރައްޔިތުން ބާރުވެރިކުރުވާ އަދި ގިނަ ޚިދުމަތްތަކަކަށް ބޭނުންކުރެވޭ ސްމާޓް ވަސީލަތަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ފެށޭ އަހަރު ނިމުމުގެ ކުރިން ރައްޔިތުންގެ އަތުގައި އޮންނަ އައިޑީކާޑު ސްމާޓް ފެސިލިޓީސްތައް އެކުލެވޭ ޒަމާނީ ކާޑަކަށް ބަދަލުކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައު އައިޑީކާޑުގެ ސަބަބުން ރައްޔިތުންގެ އަތްމައްޗަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުންނާއި ޢާންމު ޚިދުމަތްދޭ ދާއިރާތަކުން ހޯދާ އެތައް ޚިދުމަތަކަށް އެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
އޭގެ ތެރޭގައި އެކި ކަންކަމަށް ފައިސާ ދެއްކުމާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު (ޕަބްލިކް ޓްރާންސްޕޯޓް) ފަދަ ޚިދުމަތްތަކުގައި ވެސް އެ ކާޑު ބޭނުންކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.




