ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން ހިފްޒުކުރުމުގެ ބައިނަލްއަޤްވާމީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ސައުތު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މުބާރާތެއް ކަމަށެވެ.
މި މުބާރާތުގެ އެންމެ ފަހުގެ އިންތިޒާމުތައް ފައިނަލް ކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޚާއްޞަ މަންދޫބަކު ރާއްޖެ ވަޑައިގެން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖޭގައި ބާއްވާ މި މުބާރާތުގެ އެންމެހައި ޚަރަދުތައް ހަމަޖައްސަނީ ސަޢޫދީ ސަރުކާރުންކަން ފާހަގަކުރައްވައި، މުބާރާތް އިންތިޒާމުކުރުމުގައި އެ ޤައުމުގެ ސަރުކާރުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަންނަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ސައުތު އޭޝިއާގެ ޤައުމުތަކުން ބައިވެރިން ވާދަކުރާނެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އެއް ތަނަކަށް ޖަމާވެ، އެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ. މީގެ އިތުރުން މި މުބާރާތުގެ ސަބަބުން އިސްލާމީ ތަޢުލީމުގެ ދާއިރާ ހަރުދަނާވެ، ސަރަޙައްދީ ގުޅުންތައް ވެސް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށާއި ޙާފިޡުންގެ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދިއުމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ މިއަހަރުގެ އޯގަސްޓް މަހު މިނިސްޓަރު ޑރ. ޝަޙީމް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚްއާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިފްޒުކުރުމުގެ ބައިނަލްއަޤްވާމީ މުބާރާތެއް ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާއިރު، މިހާރު ވެސް ރާއްޖޭގައި 300 އަށް ވުރެ ގިނަ ޙާފިޡުން އެބަތިއްބެވެ. އަދި 1،800 އަށް ވުރެ ގިނަ މީހުން އަންނަނީ ކީރިތި ޤުރުއާން ހިތުދަސްކުރަމުންނެވެ.



