މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާއިމުކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ”ފަވަރަ“ ގެ ޚިދުމަތާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް، ފަހިޕޭ ޕްރައިވެޓް ލިމިޓެޑުން ފަވަރައިގެ ޚިދުމަތްތައް ދޭން ފަށައިފިއެވެ.
ޤައުމީ ޕޭމަންޓް ނިޒާމު ފަވަރައާ ގުޅުމަށް ޑިޖިޓަލް ވޮލެޓް ފަހިޕޭއާއި އެމްއެމްއޭއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
ފަހިޕޭއިން ފަވަރައާ ގުޅުމާ ގުޅިގެން އެމްއެމްއޭއިން ވިދާޅުވީ، އެ ކުންފުނީގެ ޚިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން މި ސިސްޓަމްގެ އެންމެހާ ޚިދުމަތްތައް މިހާރު ލިބޭނެ ކަމަށެވެ.
ފަހިޕޭ ޕްރައިވެޓް ލިމިޓެޑަކީ ބޭންކު ނޫން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރައާ ގުޅުނު ދެވަނަ ފަރާތެވެ. މީގެއިތުރުން ޕޭމަންޓް ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުންވެސް މި ނިޒާމާ ގުޅުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރެއްވިއެވެ.
ފަވަރަ ޓްރާންސްފާ މެދުވެރިކޮށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭއިރު، ފަވަރަ ރިކުއެސްޓް މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ބިލު ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގު ވަނީ ފަހިވެފައެވެ.
މިހާތަނަށް ރާއްޖޭގެ ބޭންކުތަކުގެ އިތުރުން ދިރާގު ފަދަ މުއާމަލާތްކުރާ ވޮލެޓްތަކުން ވަނީ މި ޚިދުމަތާ ގުޅިފައެވެ. އަދި މި މަސައްކަތުގެ ދަށުން އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އާ ފަވަރަ ގުޅާލުމުގެ މަސައްކަތް ފުރިހަމަކޮށް ޚިދުމަތް ދޭން ފަށާފައިވާއިރު، މަޝްރޫއުގެ ދެވަނަ މަރުހަލާގައި ކިއުއާރު ކޯޑު ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ފަވަރަ ޚިދުމަތަށާއި ޕޭމަންޓް މޯލްޑިވްސްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެމްއެމްއޭއިން ދާދިފަހުން ވަނީ ޚާއްސަ ހޮޓްލައިނެއްވެސް ތައާރަފުކޮށްފައެވެ. މި ހޮޓްލައިނަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރި ނަންބަރެކެވެ.
މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެމްއޭގެ ބެލުމުގެ ދަށުން ހިންގާ ޕޭމަންޓް މޯލްޑިވްސްއިންނެވެ.



