ދިވެހިރާއްޖޭގެ އަދި ދިވެހިންގެ ޤައުމީ ވަންތަކަން ނުވަތަ ޤައުމީ އައިޑެންޓިޓީގެ ގޮތުގައި ބެލެވޭ ބަހާތަކާއި އަސާސްތައް ދެނެގަނެ، ޢިލްމީ އުސޫލުން ޑޮކިއުމެންޓް ކުރުމަށްޓަކައި ކުރިއަށްގެންދާ ޚާއްޞަ ދިރާސާއެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު ޕޮލިސީ އެމްވީން އިސްނަގައިގެން ކުރިއަށްގެންދާ، ދިވެހި ޤައުމީ ވަންތަކަމާ ގުޅޭގޮތުން ރާއްޖޭގައި ކުރެވޭ ފުރަތަމަ މިފަދަ ޢިލްމީ ދިރާސާއެވެ.
މި ދިރާސާގެ ޢަމަލީ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި ދިރާސާ ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.
ދިރާސާ އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، ޤައުމިއްޔަތާ ގުޅުންހުރި މިފަދަ ދިރާސާތަކަކީ އަންނަން އޮތް ޖީލުތަކަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކަ ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ޤައުމެއްގެ ގޮތުގައި ދިވެހިން ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި މިފަދަ ދިރާސާތަކުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
”އެއްވެސް ޝައްކެއް ނެތްގޮތުގައި ދިވެހި ޤައުމަކީ، ހަރުދަނާ ޤައުމިއްޔަތެއް ބިނާވެފައި އޮތް ޒަމާންވީ ޤައުމެއް. ހައިބަވެރި ގަދީމީ ދައުލަތެއްގެ ވެރި ބައެއްވެސްމެ. މިހާ ދިގު އުމުރެއްގެ މައްޗަށް މި ދައުލަތް ދެމި އޮތީ ތަރުބަވީ ނިޒާމުގެ ތެރެއިންނާއި ތަޢުލީމުގެ ތެރެއިން ދިވެހިންގެ ޤައުމިއްޔަތުގެ ބަހާތައް، އާދެ އައިޑެންޓިޓީގެ އަސާސްތައް ޖީލުތަކަށް ވާރުތަކޮށްދެވިފައިވާތީ،“ މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޕޮލިސީ އެމްވީގެ ފައުންޑަރ އަދި މެނޭޖިންގ ޕާޓްނަރ އަލްއުސްތާޛާ އާޒިމާ ޝަކޫރު ދެއްކެވި ވާހަކަފުޅުގައި، އެ ޖަމްޢިއްޔާގެ މަޤްޞަދަކީ ޢިލްމީ ދިރާސާތަކާއި އެކި ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށާއި، ޤައުމީ ވަންތަކަމުގެ ދިރާސާއަކީ އޭގެ ތެރެއިން ޚާއްޞަ އިސްކަމެއް ދީގެން ފެށި މަސައްކަތެއްކަން ބަޔާންކުރެއްވިއެވެ.
”އަޅުގަނޑުމެން މީގެ ތެރޭގައި ބެލި ބެލުމަކީ ދިވެހިރާއްޖޭގެ ގަދީމީ އެތައް ހާސް އަހަރުވީ ތާރީޚުގެ ތެރޭގައި ފަޚުރުވެރި ޤައުމަކާއެކު އައިއިރު ދިވެހިރާއްޖެއަކީ ދުނިޔޭގެ ޗާޓުގައި އެންމެން ދަންނަ ތަނެކޭ. ނަމަވެސް އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނާއި ބޭރު މީހުންނަށް ދިވެހިރާއްޖޭގެ ނޭޝަނަލް އައިޑެންޓިޓީއޭ ބުނެފިއްޔާ އެނގޭނެހެއްޔޭ. ވަޓް މޭކްސް ޔޫ މޯލްޑިވިއަން. އެއީ އަޅުގަނޑުމެން މި ދިރާސާއަށް ޝައުގުވެރިވި ހިސާބަކީ.“ އާޒިމާ ޝަކޫރު ވިދާޅުވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ދިވެހިންގެ މުއްސަނދި ތާރީޚާއި ދިވެހިވަންތަކަމުގެ އަސްލުތައް ފަޚުރުވެރިކަމާއެކު ދިރުވައި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ. އަދި ޤައުމީ ބޭންކުގެ ހައިސިއްޔަތުން، ޤައުމީ ރޫޙު އާލާކޮށްދޭ މިފަދަ އަގުހުރި ޢިލްމީ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ބީއެމްއެލްގެ ބައިވެރިވުން އޮންނަންޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށްވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.
މި ދިރާސާގައި ރާއްޖޭގެ ތިން ޖީލެއްގެ ޢާންމު ރައްޔިތުން ޤައުމީ ވަންތަކަމުގެ ސިފަތަކުގެ ގޮތުގައި ދެކޭ ކަންކަމާއި، ތަފާތު ދާއިރާތަކުގެ ފަންނީ މާހިރުންގެ ވިސްނުންތަކަށް ފުޅާ ދާއިރާއެއްގައި ބަލާނެއެވެ.
މި މަސައްކަތް ނިމުމުން ދިވެހި އަދި އިނގިރޭސި ބަހުން ދެ ރިސާޗް ކަރުދާސް އެކުލަވާލާނެއެވެ. އޭގެ ތެރެއިން ދިވެހި ކަރުދާސް ރާއްޖޭގައި ޝާއިޢުކުރާއިރު، އިނގިރޭސި ކަރުދާސް ޝާއިޢުކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ޖާނަލްތަކުގައެވެ.
އަދި މި ދިރާސާ ކުރިއަށް ގެންދަނީ މި ދާއިރާއިން އިތުރު ދިރާސާތަކަށް މަގުފަހިވާނޭ ފަދަ އޮނިގަނޑެއްގެ ދަށުން ކަމަށް ޕޮލިސީ އެމްވީން މައުލޫމާތު ދެއެވެ.



