ވ.ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޒީނާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ޒީނާ ޕާޓީއާ ގުޅިވަޑައިގަތީ އެކަމަށް މިރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި އޭނާއަށް މަރުހަބާ ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. އަދި ޕާޓީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާއި ގައުމީ މަޖިލީހުގެ މެންބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ބައި-އިލެކްޝަނުގައި ޒީނާ ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަމަށްވީ ނަމަވެސް އޭނާއަށް ޕީއެންސީން ތާއީދުކުރިއެވެ. އޭނާ އެ އިންތިހާބު ކާމިޔާބުކުރެއްވީ ތިނަދޫގައި މަގުބޫލުކަން ބޮޑު އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓު ބަލިކުރެއްވުމަށްފަހުއެވެ.
ޗެއާޕާސަން އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި ޒީނާ ޕީއެންސީއާ ގުޅިވަޑައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށާއި، ޕާޓީއަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ތާއީދު ދައްކުވައިދޭ ކަމެކެވެ.




