އައިސީޖޭގައި ކުރިއަށްދާ ފަލަސްތީނު މައްސަލައިގައި ބަންޑާރަނައިބު އަހުމަދު އުޝާމް މާދަމާ ދިވެހިރާއްޖޭގެ ފަރާތުން، ބަޔާން ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.
މި ބަޔާނަކީ އިސްރާއީލުގެ ބާރުގެ ދަށުގައިވާ ފަލަސްޠީނުގެ ބިންތަކުގައި އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ޙަރަކާތްތަކާ ގުޅޭގޮތުން އިސްރާއީލުގެ އިލްތިޒާމްތަކާ ބެހޭ މައްސަލައިގައި ދެއްވާ ބަޔާނެކެވެ.
މި މައްސަލަ އައިސީޖޭއަށް ހުށަހެޅިފައިވަނީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅުމާއި، ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވުމަށް ނިންމުމާ ގުޅިގެންނެވެ.
ދިވެހިރާއްޖެއިން މި މައްސަލައިގައި ލިޔުމުން ބަޔާން ހުށަހަޅާފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ.
މާރިޗު 2 އަށްފަހު ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުމަށް ޔަހޫދީ ފައުޖުން ހުރަސްއަޅާފައިވުމާއެކު، ޢާންމު ބަދިގެތަކުގެ ހާލަތު ވަނީ ދަށްވެފައެވެ. މިކަމުގެ ސަބަބުން އެތައް ސަތޭކަ ހާސް ބަޔަކު ހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެކަމަށް އެހީދޭ ޖަމްޢިއްޔާތަކުން ވަނީ ބުނެފައެވެ.
2023 އޮކްޓޫބަރު 7 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 61,700 މީހުން ޝަހީދުވެ، 116,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
އަދި ޣައްޒާގެ ގިނަ އުމްރާނީ ވަސީލަތްތައް ވަނީ ފުޑުފުޑުކޮށްލާފައެވެ.




