ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު 2025 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއްދަތު އިތުރުކުރަން ނިންމީ، ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ، އެކަމަކީ ވަގުތު ނަގާ ކަމެއް ކަމަށްވެފައި، ގިނަ ފަރާތްތަކަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީ ކަމަށެވެ.
މި ސްކީމު ކުރިއަށް ގެންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެންނެވެ.
މި ސްކީމުގެ ދަށުން ދޫކުރެވޭ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތައެވެ.
ސަރުކާރުން ވަނީ މި ސްކީމަށް ހުށަހެޅުމުގައި ޢާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއިދިނުމަށްޓަކައި އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
އެގޮތުން ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ބަދަލު ގެނެސްފައިވެއެވެ.



