ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު ( މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން މިރޭ ހުޅުވައިލަން ނިންމައިފިއެވެ.
މި ޚިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު، ޤައުމީ ޚިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަން ޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ފަށާ މި ހިދުމަތުގެ މައިގަނޑު މަޤްސަދަކީ ޤައުމިއްޔަތުގެ ރޫޙު އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަޚުލާޤު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމެވެ.
އަދި ޤައުމަށް ކުރިމަތިވާ ނުރައްކާތަކާއި ކާރިސާތަކުގައި ޚިދުމަތްކުރާނެ ޒުވާނުން ތައްޔާރުކުރުމެވެ.
2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހު މި ޕްރޮގްރާމް އިޢުލާނުކުރެވުނެވެ. އަދި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުން، މި ޕްރޮގްރާމް އޭޕްރީލް މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓުން ފޯމު ޑައުންލޯޑްކުރެވޭނެއެވެ.



