ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު މަގާމުން ވަކިކޮށް، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.
މި މަގާމުން ސާމިހު ވަކިކޮށް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރިކަން ފުލުހުން ވަނީ ”ސައުވީސް“އަށް ކަށަވަރުކޮށްދީފައެވެ.
ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ސާމިހު އިންވެސްޓިގޭޝަން ހެޑްގެ މަގާމުން ވަކިކުރުމަށް ނިންމާފައިވަނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން އެކަމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
ޔުމްނާ ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
”މި ކޭސް ވަރަށް ޝައްކު އުފެދޭ ގޮތަކަށް ނޫންތޯ މިއަދާ ހަމައަށް ވެސް މި އައީ. އެހެންވީމާ އަޅުގަނޑު އެވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފަ މިކަން ބަލަން އެއްވެސް ނުފޫޒެއް ނެތި، ވަރަށް އޮބްޖެކްޓިވްލީ މުޅި މައްސަލައިގެ ހެކިތަކާއި ގަރީނާތަކާ ހޯދައިގެން ބަލަން އުފައްދާފައި،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ، ކޮމިޝަނުގެ ތަހުގީގު ނިންމައި ހާމަކުރާ ނަތީޖާ ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށާއި، އެކަމުގައި ކުޑަވެސް ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
އަދި މި މައްސަލައަކީ ފެށުނީއްސުރެ ވެސް ޝައްކު އުފެދޭ ކަންތައްތަކެއް ފެންމަތިވި މައްސަލައެއްކަން ފާހަގަކުރައްވާފައިވެއެވެ.



