މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި އެވެ.
ރައީސް މިގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން މިހާރު ވަނީ މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ މަސައްކަތްތައް މިއަދުން ފެށިގެން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވާފައެވެ.
މިގޮތުން މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ ގޮތުން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ނޭޝަނަލް ސަރވިސްއާ ގުޅޭގޮތުން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުމެވެ.
އަދި ނޭޝަނަލް ސަރވިސްއަށް މީހުން އެންރޯލްކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމާއި، ނޭޝަނަލް ސަރވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، ސަރވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުމެވެ.
އަދި މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، އެ ނިޒާމު ތަންފީޒުކުރުމާއި، ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާގޮތް ބެލުމާއި، އެ ނިޒާމު ތަރައްޤީކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުންވެސް މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުންވެސް، ޖުމްލަ 10 ކަމެއް ހިމެނޭހެން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވި މަސައްކަތްތައް ރައީސް އޮފީހުން ބަޔާންކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެކެވެ.
މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.



