މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްއާއެކު ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު މެންދުރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށް ދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ފަހުމްނާމާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފައިވާ އިރު، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލް ޢަލީ ނިޒާރުއެވެ.
މި ރަސްމިއްޔާތުގައި ދެ މުވައްސަސާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ކަނޑައެޅޭ އަދަބުތައް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެއެވެ.
އެއްބަސްވުމުގެ މުހިންމު ބައިތަކުގެ ތެރޭގައި، ޤައިދީން ތަޢުލީމީ އަދި އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް އެހީތެރިވުމާއި، މުޖުތަމަޢުއަށް ޚިދުމަތްކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމާއި، ޤައިދީން މުޖުތަމަޢަށް އަނބުރާ ގުޅުމަށް މަގުފަހިކޮށްދިނުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ހިމެނެއެވެ.
އަދި މިކަންކަން ކުރިއަށް ގެންދިއުމުގައި އެން.ޖީ.އޯތަކާއި އެހެނިހެން ދާއިރާތަކުގެ އެހީތެރިކަން ހޯދުމަށްވެސް އެއްބަސްވެފައިވެއެވެ.




