ރާއްޖޭގެ ހަތަރު ރަށެއްގައި ޤާއިމުކުރި ޑަޔަލަސިސްގެ ޚިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
ބާސެލޯ ނަސަންދުރާގައި ދުނިޔޭގެ ޞިއްހަތު ދުވަހާ ދިމާކޮށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ.
ހެލްތު މިނިސްޓްރީން މަޢުލޫމާތު ދިންގޮތުގައި، މިއަހަރުގެ ކުރީކޮޅު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ވަނީ ޑަޔަލަސިސްގެ ޚިދުމަތް ފަށާފައެވެ.
އަދި 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައިވެސް މި ޚިދުމަތް ވަނީ ފަށާފައެވެ.
ނ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓަށް އެނދު އިތުރުކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ، މިވަގުތު ރާއްޖޭގައި ޑަޔަލަސިސްގެ ޚިދުމަތް ނުފެށި ވަނީ އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގައި ކަމަށާއި، ނަމަވެސް މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ އަތޮޅެއްގައިވެސް ޑަޔަލަސިސްގެ ޚިދުމަތް ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
އަދި މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި، ބާކީ ހުރި ހުރިހާ އަތޮޅެއްގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޑަޔަލަސިސްގެ ޚިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.



