ޖޫން އެކަކުން ފެށިގެން އައިނު ހެއްދުމަށް އާސަންދައިން ދެމުން އަންނަ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުން ރައީސް އިއުލާނުކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މިކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖޫން އެކަކުން ފެށިގެން އައިނު ހައްދަންދޭ 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރެވިގެންދާނެ ކަމަށެވެ. އެއީ ސޭވްކުރާ ސޭވްކުރުމުން ރައްޔިތުންނަށް ކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާތަނަށް އައިނު ހެއްދުމަށް އާސަންދައިން ދެމުން އައީ 1،000 ރުފިޔާއެވެ. ނަމަވެސް ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އައިނު ހެއްދުމަށް މިއަށްވުރެ މާ ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އެހެންކަމުން މި އަދަދު ބޮޑުކުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
އަދި މި ކަމުގެ އިތުރުން ވެސް ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން އާސަންދައިގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ރޭވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



