ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަންހެނުން ތަމްރީނުކުރުމަށް ބާއްވާ ”ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން“ގެ މިއަހަރުގެ ފުރަތަމަ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގުރާމް ކުރިއަށްދާނީ މިއަންނަ ޖުލައި މަހުގެ 5 އިން 12 އަށް މާލޭގައެވެ.
ޔޫއެންޑީޕީ މޯލްޑިވްސްއާއި، ރައްޔިތުންގެ މަޖިލީހާއި، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ބައިވެރިވެވޭނީ 25 އަހަރުން މަތީގެ އަންހެނުންނަށެވެ.
ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ޔޫއެންޑީޕީން ވަނީ އިއުލާންކޮށްފައެވެ.
ޔޫއެންޑީޕީން މަޢުލޫމާތު ދިން ގޮތުގައި، މި ޕްރޮގުރާމުގައި ބައިވެރިވާނެ ފަރާތްތައް ހޮވުމުގައި ކޮންމެ ބުރަކުން 40 ފަރާތަކަށް ފުރުޞަތު ދެވޭނެއެވެ. އަދި ބައިވެރިން ހޮވުމުގައި ސިޔާސީ ޕާޓީތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެންޖީއޯތަކާއި، މުޖުތަމަޢުގެ ހަރަކާތްތަކުގައި ކޮށްފައިވާ ތަޖުރިބާއަށް ބެލޭނެއެވެ.
2021 ވަނަ އަހަރު ފެށުނު މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކް މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ބަދަލު ގެނައުމަށް މަސައްކަތްކުރާ ބަޔަކަށްވެ، އިންތިޚާބުކުރެވޭ މަޤާމުތަކަށް ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
ޕްރޮގްރާމުގެ ތެރޭގައި މަދަނީ ތަޢުލީމުގެ މުހިންމު ބައިތަކާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ބައިވެރިންގެ މެދުގައި މަޖިލީހުގެ ޖަލްސާއެއްގެ ނަމޫނާ މާދިރީއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.




