ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކައް މިރޭ ފޮނުވި މެސެޖުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ހައްޖު ކޯޕަރޭޝަން އިން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެއް ފްލައިޓްގައި އައި މީހުން 18 ދުވަސް، އަނެއް 3 ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެ ކަމަށާއި، ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ ނަމަވެސް، މި ފަހު އަހަރުތަކުގައި ޢާއްމުކޮށް 22 އާއި 25 ދުވަހު ދެމެދު ތިބެފައިވާ ކަމަށެވެ.
އެއީ ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ނަމަވެސް މިފަހަރު ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތާއި މޫސުމަށް ބަލައި ޞިއްޙަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން.“ މިނިސްޓަރު ވިދާޅުވިއެވެ.
ޤައުމީ މިފަދަ ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.




