ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ބާއްވަން ހަމަޖެހިއްޖެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން މިއަދު ހާމަކުރި ގޮތުގައި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 18 ގައެވެ.
މި އަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބައި، ސްކޫލް ކުދިންގެ ބައި އަދި މުއައްސަސާތަކުގެ ބައެވެ.
ހާފިޒުންގެ ބައިގައި ބައިވެރިވެވޭނީ މުޅި ޤުރުއާން ހިތުދަސްކޮށް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔެވޭ ފަރާތްތަކަށެވެ. މި ބައިގައި އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކުން ހާފިޒުކަމުގެ ސަނަދު ހުށަހަޅަންޖެހޭނެއެވެ.
މުއައްސަސާތަކުގެ ބައިގައި ބައިވެރިވުމުގެ ފުރުސަތު ދެވިފައިވަނީ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްގެން ޤުރުއާން ކިޔަވައިދޭ ތަންތަނަށެވެ.
އަދި ސްކޫލް ކުދިންގެ ބައިގައި ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ހަމައަށް ކިޔަވާ ދަރިވަރުންނަށެވެ.
މި މުބާރާތުގައި ކޮންމެ ބަޔަކުން ގަދަ ތިނެއް ހޮވުމުގެ އިތުރުން، މުޅި މުބާރާތުން ވެސް ގަދަ ތިނެއް ހޮވާނެއެވެ. އަދި ކޮންމެ ބައެއްގެ އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
1981 އިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިދިޔަ އަހަރު 119 މުއައްސަސާއަކުން ބައިވެރިވެފައިވެއެވެ.
މީގެ ތެރޭގައި 52 ސްކޫލަކުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން 357 ބައިވެރިންނާއި، އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންގެ އިތުރުން ހާފިޒުންގެ ބައިން 15 ބައިވެރިން ހިމެނެއެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.



