މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީންގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
ހައްޖު މިޝަނުން ބުނިގޮތުގައި، ހުރިހާ ހައްޖާޖީން މިވަގުތު ތިބީ މައްކާގައެވެ. އަދި މިރޭ ހައްޖާޖީން މިނާއަށް ދާން ފަށާނެއެވެ.
މާދަމާ ހައްޖާޖީން ހޭދަކުރައްވާނީ މިނާގެ ޓެންޓް ސިޓީގައެވެ. ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްޓަކައި ހައްޖާޖީން އަރަފާތަށް ދާން ފައްޓާނީ މާދަމާ ރޭއެވެ.
ބުރާސްފަތި ދުވަހު މުޅި ދުވަސް ހައްޖާޖީން ހޭދަކުރާނީ އަރަފާތު ޓެންޓްތަކުގައެވެ. އަދި އަރަފާތު ބިމުން ނުކުންނާނީ ހައްޖު ދުވަހުގެ އިރުއޮއްސުމުންނެވެ. ހުކުރު ވިލޭރޭ ހުރިހާ ހައްޖުވެރިން ރޭކުރާނީ މުޒްދަލިފާގައެވެ.
މިއަހަރުގެ އަރަފާތު ދުވަހު އާދަޔާ ޚިލާފަށް ހޫނުވާނެކަމަށް ލަފާކުރެވޭތީ، ހައްޖުވެރިން އަރަފާތުގައި ހުންނަ ޓެންޓްތަކުން ބޭރަށް ނުނިކުތުމަށް ސަޢޫދީ ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ހޫނުގަދަވެގެން 46 މީހަކަށް ހީޓް ސްޓްރޯކް ޖެހިފައިވާކަން ސަޢޫދީ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން 1000 ޙައްޖާޖީން ދަތުރުކުރިއެވެ.



