ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފްތިތާހުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާބަން ފާމިންގ 2 ގެ ޕްލާޒާ ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ އެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި އެޗްޑީސީއާ ގުޅިގެން ކުރިއަށްގެންދާ ”ކޮމިއުނިޓީ އަރބަން ފާމިންގ“ މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް“ (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއުކެވެ.
އެޗްޑީސީން ބުނީ އާބަން ފާމިން މަޝްރޫޢުއެއް ކުރިއަށްގެންދިއުމުގެ ބޭނުމަކީ، ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިންގް ދިނުމުގެ އިތުރުން އެމީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ފުރުސަތު ލިބޭގޮތަށް ދަނޑު ބިންތައް ކުއްޔަށްދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށެވެ.
މިގޮތުން މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން 84 ދަނޑުވެރިން ވަނީ ތަމްރީނުކޮށްފައެވެ.
މިއަދު އިފްތިތާހުކުރެވުނު މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ވަނީ ދޫކޮށްފައެވެ. މި ސްލޮޓުތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ގާއިމްކޮށްފައިވާއިރު މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުންކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އާބަން ފާމިންގް މަޝްރޫއަކީ ހުޅުމާލޭގެ ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅިގެން ދިއަ މުހިއްމު ފިޔަވަޅެއްކަމަށް އެޗްޑިސީން ވަނީ ބުނެފައެވެ.
އަދި އެޗްޑީސީގެ މަގްސަދަކީ، މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުން ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.




