ރާއްޖޭގެ ފަސްވަނަ މެޓް އޮފީސް ނ. މާފަރުގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި، މިއީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑު (UNMPTF) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (WMO) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ (SOFF) ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ މޫސުމާބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކް (GBON) ގެ ފެންވަރަށް އަޕްގްރޭޑް ކުރެވޭނެއެވެ.
މި މަޝްރޫއަކީ 4 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށާއި، މީގެ ދަށުން ރާއްޖޭގައި މިހާރު ގާއިމުކުރެވިފައިވާ 4 މެޓް އޮފީހުގައި ބެހެއްޓިފައިވާ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އަދި މީގެ އިތުރުން އައްޑޫސިޓީ ގަމުގައި ގާއިމުކުރެވިފައިވާ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށޭނެއެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މޫސުންބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ، ދުރާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާވުމުގެ އިތުރުން، ދުނިޔޭގެ މޫސުމާބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖެއިން ފޯރުކޮށްދޭ މޫސުމާބެހޭ މައުލޫމާތުގެ ފެންވަރުވެސް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން 2025 ޖޫން 3 ވަނަ ދުވަހު ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ޔުނައިޓެޑް ނޭޝަން އެންވަޔަރުމެންޓް ޕްރޮގްރާމު (UNEP) ގެ އިތުރުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓް (FMI) އާއި ރީޖަނަލް މަލްޓި ހަޒާޑް އާލީ ވޯނިންގ ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ (RIMES) ބައިވެރިވިއެވެ.
އަދި އޭގެ އިތުރުން ރާއްޖޭގެ ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ 40 ބައިވެރިން ބައިވެރިވިއެވެ.



