ރާއްޖޭގައި ޑެންގޫ އިތުރުވަމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލައި މަދިރިން ރައްކާތެރިވުމަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.
އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ޑރ.ފައިސަލް ވިދާޅުވީ ޑެންގޫ ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށެވެ.
”ޑެންގޫ ވަރަށް ގިނަވެއްޖެ. މަދިރި ހެފިޔަ ނުދޭތި.“ ޑރ.ފައިސަލް ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގައި އެންމެ ގިނައިން ޑެންގޫ ކޭސްތައް ރިޕޯޓުކުރެވިފައިވާއިރު، އެއީ ޖުމްލަ ކޭސްތަކުގެ 60 ޕަސެންޓެވެ. އަދި އަތޮޅު ތެރޭގައި އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އައްޑޫ ސިޓީންނެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާޗް މަހު ޑެންގޫގެ 73 ކޭސް ފެންމަތިވެފައިވާއިރު މިދިޔަ އޭޕްރީލް މަހު 127 ކޭސް ވަނީ ފެންމަތިވެފައެވެ. މިއީ ކަންބޮޑުވާން ޖެހޭ އަދަދެއް ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
ޑެންގޫ ހުމުގެ އަލާމާތްތައް:
ޑެންގޫ ހުމަކީ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ މަދިރި ހަފާތާ ހަތަރު ދުވަހާއި 10 ދުވަހާ ދޭތެރޭގެ މުއްދަތެއްގައެވެ.
މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ހުން އައުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
އެޗްޕީއޭއިން ވަނީ ޑެންގޫ ފެތުރުން މަދުކުރުމަށް ޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުމާއި، ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ސާފުކުރުމަށާއި، ހެނދުނާއި ހަވީރު މަދިރި ގިނަވާ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕައި، ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.




