ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގެ ރިޕޯޓު ލިބުމާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި އަނިޔާ ލިބުނު ބިދޭސީ މީހާ މިހާރުވަނީ ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ހަމަލާ ދިނީ 16 އަހަރުގެ ކުއްޖެކެވެ.
މި ކުއްޖާ މިއަދު ހެނދުނު ހިޔާ ފްލެޓެއްގެ ފަޔަރ ފުޅި ތަކެއް ތިންވަނަ ފްލޯއިން އުކާލުމާއި ގުޅިގެން ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރި ވަގުތު، ރިޕޯޓުކުރި މީހުންނަށް ވަޅި ޖަހާނެ ކަމުގެ އިންޒާރު ދީފައިވާކަމަށްވެސް ވެއެވެ.
މި ހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޒަޚަމްވި މީހާގެ ގައިން ވަރަށް ގިނަ އަދަދަކަށް ލޭ ފައިބަމުންދާ މަންޒަރު ފެނެއެވެ.
މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާއިރު، މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއްނުކުރެއެވެ.



