ކުޅުދުށްފުށީ ސިޓީ ކައުންސިލުން އެރަށުގެ ކޮންމެ ސްކޫލަކަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2025 ވަނަ އަހަރު ދިނުމަށް ކަނޑައަޅާފައިވާ ”ސްކޫލް ގްރާންޓް“ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
ކައުންސިލުން ބުނިގޮތުގައި، މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާ ލިބިގެންދާނެ ކަމަށެވެ.
ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުށީ ކައުންސިލުން ވަނީ މީގެ ކުރިންވެސް މިގޮތަށް ސްކޫލްތަކަށް އެހީދީފައެވެ. އެގޮތުން އެންމެ ފުރަތަމަ އެހީ ދޭން ފަށާފައިވަނީ 2022 ވަނަ އަހަރުން ފެށިގެންނެވެ.
ކުޅުދުއްފުށީގައި ޖުމުލަ ތިން ސްކޫލު ހިންގައެވެ. އެއީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލާުގެ އިތުރުން ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ.



