މެދު ރާއްޖޭގެ ބައެއް ރަށްތަކުގެ ތެރެއިން ޅ. ހިންނަވަރާއި ދ. ކުޑަހުވަދޫގެ މަގުހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދީފިއެވެ.
އާރުޑީސީން މިއަދު ބުނީ، ދ. ކުޑަހުވަދޫގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިވަގުތު ކުރެވެމުން ދަނީ އެރަށު އޯކިޑް މަގުގައި ދުވާރުގެ މަސައްކަތް އަދި ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ކަމަށެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު މިދިޔަ ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ.
މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިޔަކަށް ނުދެއެވެ.
ޅ.ހިންނަވަރުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، މިވަގުތު ކުރެވެމުންދާ މަސައްކަތަކީ، ރޯޑް 13ގައި ކާރބް ސްޓޯން ޖެހުން އަދި ނޫރާނީ މަގުގައި ދުވާރުގެ މަސައްކަތްކަމަށް އާރްޑީސީން މައުލޫމާތު ދެއެވެ.

އާރްޑީސީން ދަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންނެވެ.



