ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި މިރޭ ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖުވެރިން މިރޭ ޢިޝާ ނަމާދަށްފަހު ޢަރަފާތް ބިމަށް ދަތުރުކުރާނެ ކަމަށެވެ.
ހައްޖު މިޝަނުން އިއްޔެ ބުނިގޮތުގައި، މާދަމާ މުޅި ދުވަސް ހައްޖާޖީން ހޭދަކުރާނީ އަރަފާތު ޓެންޓްތަކުގައެވެ. އަދި އަރަފާތު ބިމުން ނުކުންނާނީ ހައްޖު ދުވަހުގެ އިރުއޮއްސުމުންނެވެ. ހުކުރު ވިލޭރޭ ހުރިހާ ހައްޖުވެރިން ރޭކުރާނީ މުޒްދަލިފާގައެވެ.
މިއަހަރުގެ އަރަފާތު ދުވަހު އާދަޔާ ޚިލާފަށް ހޫނުވާނެކަމަށް ލަފާކުރެވޭތީ، ހައްޖުވެރިން އަރަފާތުގައި ހުންނަ ޓެންޓްތަކުން ބޭރަށް ނުނިކުތުމަށް ސަޢޫދީ ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ހޫނުގަދަވެގެން 46 މީހަކަށް ހީޓް ސްޓްރޯކް ޖެހިފައިވާކަން ސަޢޫދީ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން 1000 ޙައްޖާޖީން ދަތުރުކުރިއެވެ.




