ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ޖަރުމަނާ ކުރިމަތިލައި، 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ފައިނަލަށް ދަތުރުކޮށްފިއެވެ.
ވާދަވެރި މި މެޗުގައި ޕޯޗުގަލްގެ ކާމިޔާބީގައި ރޮނާލްޑޯގެ ލަނޑު ހިމެނެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ކުޅުން ވަރަށް ހަމަހަމަވެފައިވާއިރު، ދެ ޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ 45 މިނެޓު ނިމިގެން ދިޔައީ ދެ ޓީމަށް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން އައި އިރު، 48 ވަނަ މިނެޓުގައި ޖޮޝުއާ ކިމިޗްގެ އެހީތެރިކަމާއެކު ފްލޯރިއަން ވިޓްޒް ވަނީ ޖަރުމަނަށް ލަނޑު ޖަހައިދީ ލީޑު ހޯދައިދީފައެވެ. ނަމަވެސް ޖަރުމަނަށް އެ ލީޑުގައި ނުހިފެއްޓި މެޗުގެ 63 ވަނަ މިނެޓުގައި ރުބެން ޑިއާސްގެ އެހީތެރިކަމާއެކު ފްރެންސިސްކޯ ކޮންސީސާއޯ ވަނީ ޕޯޗުގަލްއަށް މެޗު އެއްވަރުކޮށްދީފައެވެ.
އަދި އޭގެ ފަހުން މާގިނަ އިރުތަކެއް ނުވަނީސް، 68 ވަނަ މިނެޓުގައި ނޫނޯ މެންޑެސްގެ އެހީތެރިކަމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ލީޑު ހޯދައިދީފައެވެ.
މެޗުގެ ފަހު މިނެޓުތަކުގައި ޖަރުމަނުން ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުނުކުރެވުނެވެ.
ސެމީ ފައިނަލް މެޗުގައި ސްޕެއިންއާއި ފްރާންސް މިރޭ ސްޓުޓްގާޓްގައި ވާދަކުރާއިރު، ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހު މިއުނިކްގައެވެ.




