ޢަރަފާތު ދުވަހުގެ އަޅުކަމުގައި އުޅޭއިރު ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އަރަފާތު ބިމުގައި ހުންނަވާ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ޢަރަފާތު ދުވަހަކީ އިސްލާމީ އުންމަތުގެ މަތިވެރިކަމާއި، އުފާވެރިކަމާއި، އެކަކު އަނެކަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ މާތް ދުވަހެއް ކަމަށެވެ.
”އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިސްސަ މިތިބީ. މި ހުރިހާ ކަންކަމަކުންވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަޚުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫޙާނިއްޔަތުކަމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރިކަމެއް އަރަފާތް ދުވަހުގެ އަޅުކަމަކީ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ޢަރަފާތު ދުވަސް އަންނަނީ އިސްލާމީ އުންމަތަށް ވަރަށް ހިތާމަވެރި ދުވަސްވަރެއްގައި ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނާއި އެހެނިހެން އިސްލާމީ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ދުޢާކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ޙައްޖު މޫސުމަށް ސަޢޫދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާ ކަމަށެވެ. ޙައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްޙަތާ ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި ސަޢޫދީ ސަރުކާރަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
އަދި ދިވެހި ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރަމުންދާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އިސްލާމިކް މިނިސްޓްރީގެ ޓީމުތަކަށްވެސް މިނިސްޓަރު ޝުކުރު އަދާކުރައްވާފައިވެއެވެ.



