ފިރިހެނުންގެ މައްޗަށް އެމީހުންގެ ބެލުމުގެ ދަށުގައިވާ އަނބިމީހާ ޒިންމާ އަދާ ނުކުރެވޭ ނަމަ ﷲ ތައާލާގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭނެކަމަށް މިއަދުގެ އަރާފާތު ހުތުބާގައި ވިދާޅުވެއްޖެއެވެ.
މަސްޖިދުއްނަމިރާގައި މިއަދު ދެއްވި ޙައްޖު ޚުތުބާ ގައި ޝައިޚު ޑޮކްޓަރު ސާލިހު ބިން އަބްދުﷲ ބިން ހަމީދު ވަނީ އިސްލާމްދީނުގައި އަންހެނުންގެ ހައްޤުތައް އަދާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ.
ހުތުބާގައި ޝެއިހް ވިދާޅުވިގޮތުގައި، އަނބިންގެ ވާޖިބުތަކަކީ ފިރިންގެ މައްޗަށް އޮތް ޒިންމާއެއްކަމަށާއި އެ ޒިންމާ އަދާނުކުރާ ކަމުގައި ވަނީނަމަ، ﷲ ތައާލާގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭނޭއެވެ.
ސީދާ އަނބިމީހާގެ ވާހަކައާ ގުޅޭގޮތުން މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ ތިޔަބައިމީހުން އެކަނބަލުން ހޯދައިގެންފައިވަނީ ﷲގެ ތައާލާ ދެއްވި އަމާނާތްތެރިކަމާ އެކުގައެވެ.
އަނބިމީހާގެ ހައްގުތަކާ ގުޅޭގޮތުން ހުތުބާގައި ވަކިން ޚާއްޞަ އިރުޝާދުތަކެއް ދެއްވާފައިވެއެވެ. އެގޮތުން އަނބިމީހާއަށް ވަގުތު ދިނުމާއި، އެކަނިވެރިނުކުރުމާއި، ދަރިން ތަރުބިއްޔަތުކުރުމުގެ މަސްއޫލިއްޔަތުގައި ފިރިމީހާ ބައިވެރިވުމަކީ މުހިންމުކަމެއްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި މިކަމަށްޓަކައި ފިރިމީހާ އޭނާގެ ވަގުތުތައް ތަރުތީބުކުރަންވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ތަގުވާވެރިކަމާ ގުޅޭގޮތުން ހުތުބާގައި ޚާއްޞަ އިރުޝާދުތަކެއް ދެއްވާފައިވެއެވެ. ﷲގެ ހަޒްރަތުގައި އެންމެ ހެޔޮކަންބޮޑުވެގެންވާ މީހާއަކީ އެންމެ ތަގުވާވެރި މީހާކަމަށާއި، މިކަމުގައި މީހެއްގެ ހައިސިއްޔަތަކަށް ބެލުމެއް ނެތްކަން ފާހަގަކުރައްވާފައިވެއެވެ.
އަރަފާތު ދުވަހުގެ އެންމެ ފަހު ވަގުތުތަކުގައި، އިރުއޮއްސެން ފެށުމާއެކު ހައްޖުވެރިން އަރަފާތު ބިމުން މުޒްދަލިފާއަށް ދަތުރުކުރަން ފަށާނެއެވެ.




