ޒަމާނުއްސުރެ ދިވެހީން ފާހަގަކުރާ ބޮޑުޢީދަކީ، މާތްކަމާއި ނިޢުމަތުގެ ފޯވައްސެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، 1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ، ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށެވެ.
ރައީސްގެ ޚިޠާބުގައި ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުންމަތަށް ހިތުގެ އިޚްލާޞްތެރި ހެޔޮ އެދުންތަކާއެކު ވަނީ އަރިސްކުރައްވާފައެވެ.
ޙައްޖު މަހުގެ މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި މިންވަރު ކުރައްވައި، ﷲގެ އޯގާވަންތަކަމާއި ރަޙްމަތް ދިވެހި ޤައުމަށާއި، އެންމެހާ މުސްލިމުންނަށް އިތުރުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ.
މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުންމަތަކީ، އިސްލާމީ އުންމަތް ކަމުގައި، ކީރިތި ޤުރުއާނުގެ އާލް ޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި އުންމަތުގެ ދަރަޖަ ﷲގެ ޙަޟްރަތުގައި މަތިވެރިވީ، މުސްލިމުންނަކީ ހެޔޮ ކަންކަމުގައި ހިފަހައްޓާ، އަނެކުންނަށް ނަސޭހަތްތެރިވެ ނަމޫނާ ދައްކާ ބަޔަކު ކަމުގައި ވާތީކަމަށެވެ.
އަދި ކޮންމެ ނޭއްގާނީ ކަމަކާ ދުރުހެލިވެ، އަނެކުންވެސް އެފަދަ ކަންކަމާ ދުރުކުރަން މުސްލިމުން ގަދައަޅާތީކަމަށެވެ.
އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވަނީ ޢީދުގެ އުފަލާއެކު އިސްލާމީ މުޖްތަމަޢުތަކުން ފެންނަ ރިވެތި ސިފަތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވަވާފައެވެ.
”ޢީދުގެ އުފަލާއެކު، އިސްލާމީ މުޖްމަތަޢުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވާފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައިކަމަށެވެ.
އަދި މިފަދަ ކޮންމެ ޢީދަކުމެ، ދުރާއި ގާތުގައި ތިބި މުސްލިމް އަޚުންނާއި އުޚްތުންގެ މަތީން އަޅުގަނޑުމެން ހަނދާން ކުރާކަމަށާއި، ވަކީން ޚާއްޞަކޮށް، ފަލަޞްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ޚިޠާބުގައި ވަނީ މުސްލިމުންގެ މުޤައްދަސް މިސްކިތުގެ ޙިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ޙައްޤުގައި، ފަލަޞްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށާއި، ﷲގެ ޙަޟްރަތުން މަދަދާއި، ރިޒްޤާއި، ހަމަޖެހުމާއި، އަމާންކަން އަޅުގަނޑުމެންގެ ލެޔާއި ވިންދާ ގުޅިފައިވާ އެ ލޮބުވެތި ޢާއިލާތަކަށް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.
އެގޮތުން ދޮށީ ޢުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާ، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާ، ގާތްތިމާގެކަމާ ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާ، ދަރީންނަށް ރިވެތި ނަމޫނާއާ ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، ޢީދުގެ ހަގީގީ ޒީނަތްތެރިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖްތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.


