އަރމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފު ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.
މިރޭ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވަނީ، ބައިނަލްއަގްވާމި މުބާރާތަކުން 3 ރަން މެޑަލް ޙާޞިލްކޮށްފައިވާތީ ލައިބާ އަށް މަރުހަބާ ދަންނަވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެކެވެ.
”ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް.“ ރައީސް ވިދާޅުވިއެވެ.
އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ލައިބާއަށް ހިތްވަރު ދެއްވާފައެވެ.
12 އަހަރުގެ ލައިބާ ވަނީ އަރމޭނިއަން ޔޫތު އޯޕަންގައި ވާދަކޮށް 3 ރަން މެޑަލް ހޯދާފައެވެ.
މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި އަރުމީނިއާ ޔޫތު މުބާރާތުގައި ވެސް ލައިބާ ވާދަކުރިއެވެ. އެފަހަރު ލައިބާ ވަނީ ރިހި މެޑަލްއަކާއި ބްރޯންޒް މެޑަލްއެއް ހޯދާފައެވެ.
މި މުބާރާތަކީ އޯޕަން އިންވިޓޭޝަނެއްގެ ދަށުން ގިނަ ގައުމުތަކެއްގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
އަރުމީނިއާގެ ވެރިރަށް ޔެރެވާންގައި މި މުބާރާތް ކުރިއަށްދިޔައީ މިމަހުގެ 6 އިން މިއަދުގެ ނިޔަލަށެވެ.



