އަރމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފު ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި މަރުހަބާ އަކީ ލިބުނު ބޮޑު ހިތްވަރެއް ކަމަށް އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ބުނެފިއެވެ.
ލައިބާގެ ބައްޕަ މަހްލޫފް މިރޭ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، ލައިބާ ދިވެހިރާއްޖެ އަށް ހޯދައިދިން ތާރީޚީ ކާމިޔާބީ ފާހަގަކުރައްވާ ރައީސް މަރުޙަބާ ވިދާޅުވިކަމީ ލައިބާ އަށް އަދި އެ އާއިލާއަށް ލިބުނު ވަރަށްބޮޑު އުފަލެއް އަދި ހިތްވަރެއް ކަމަށެވެ.
”ބައިނަލްއަޤުވާމީ މުބާރާތްތަކާއި އަދި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވާދެއްވިކަމަށްޓަކައި މަނިކުފާނަށް އަދި ކުޅިވަރާއިބެހޭ ވަޒީރު ރާފިއުއަށް ވަރަށްބޮޑަށް ޝުކުރުދަންނަވަން.“ މަހްލޫފް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ލައިބާގެ މި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ.
މަހްލޫފް އިތުރަށް ބުނީ، ”اللَّهْ އިރާދަފުޅާއެކު އިތުރު ކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތްކުރާނެ ކަމަށެވެ.
12 އަހަރުގެ ލައިބާ ވަނީ އަރމޭނިއަން ޔޫތު އޯޕަންގައި ވާދަކޮށް 3 ރަން މެޑަލް ހޯދާފައެވެ.
މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި އަރުމީނިއާ ޔޫތު މުބާރާތުގައި ވެސް ލައިބާ ވާދަކުރިއެވެ. އެފަހަރު ލައިބާ ވަނީ ރިހި މެޑަލްއަކާއި ބްރޯންޒް މެޑަލްއެއް ހޯދާފައެވެ.
މި މުބާރާތަކީ އޯޕަން އިންވިޓޭޝަނެއްގެ ދަށުން ގިނަ ގައުމުތަކެއްގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
އަރުމީނިއާގެ ވެރިރަށް ޔެރެވާންގައި މި މުބާރާތް ކުރިއަށްދިޔައީ މިމަހުގެ 6 އިން މިއަދުގެ ނިޔަލަށެވެ.



