ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝެއިހް ފަރީދު އަދާކުރެއްވި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު ކުއްލިގޮތަކަށް ނިޔާވުމާއި ގުޅިގެން އެކްސްގައި މިރޭ ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ، ޝެއިހް އަވަހާރަވި ޚަބަރު އަޑު އެހީ ފުން ހިތާމައާ އެކު ކަމަށެވެ.
ރައީސް ވިދާޅުވީ، އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމު ވެރިޔާ މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށެވެ.
އަދި ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝެއިހް އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
”މަރްޙޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވާށިއެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން.“ ރައީސް ވިދާޅުވިއެވެ.
މައުލޫމާތު ލިބޭގޮތުގައި ޝެއިހް ނިޔާވީ މިއަދު މެލޭޝިޔާގައެވެ.
ޝެއިހް މެލޭޝިޔާއަށް ވަޑައިގެންނެވީ އެ ގައުމުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މެލޭޝިއާގެ އެއާޕޯޓަށް ފެއިބިތަނާ ޝެއިހް ފަރީދު ވެއްޓުމުން ސީޕީއާރު ދިންކަމަށާއި، އެހެންނަމަވެސް އޭގެ ކުޑަވަގުތުކޮޅެއް ފަހުން ޝައިހް ނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އަލް މައުހަދުން ތައުލީމު ހާސިލު ކުރެއްވި ޝެއިހް ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެެރި އެކެވެ.
އެގޮތުން އެކި ރަށްރަށަށް ވަޑައިގެން ވެސް ދީނީ ގިނަ ދަރުސްތައް ޝެއިހް ފަރީދު ވަނީ ދެއްވާފަ އެވެ.
ދީނީ އިލްމުވެރިޔާ އަލީ ޒައިދުގެ ކޮއްކޮ ކަމަށްވާ ޝެއިހް ފަރީދަކީ ދީނީ އެކި މައުލޫމާތު ގެެނެސްދޭ ޓީވީ ޗެނަލް ”އަލް ކައުނު“ ގެ ޗެއާމަން ވެސް މެއެވެ.
ޝެއިހް ފަރީދު ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.



