’އަރުމީނިއާ ޔޫތު އޯޕަން 2025‘ ގައި ތިން ކެޓަގަރީއަކުން ރަން މެޑަލް ހޯދައި، ދިވެހިރާއްޖޭގެ އުންމީދީ ތަރި ލައިބާ އަޙްމަދު މަޙްލޫފް އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން މަރުހަބާ ކިޔައިފިއެވެ.
ލައިބާއަށް މަރުހަބާ ކިޔުމުގެ ގޮތުން އެއާޕޯޓަށް ވަޑައިގެންނެވީ ސްޕޯރޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހުމަދު މުންތަގިމެވެ.
މި މުބާރާތުގެ ސިންގަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ލައިބާ ހޯދީ ފައިނަލުގައި ސައިޕްރަސްގެ އެއްވަނަ ކުޅުންތެރިޔާ އެމީލިއާއާ ވާދަކޮށް، 21-15 އަދި 21-11 ގެ ނަތީޖާއަކުންނެވެ.
ސިންގަލްސް ކުއާޓާ ފައިނަލުގައި ލައިބާ ވަނީ ޖޯޖިއާގެ އެއްވަނަ ރޭންކުގައި ހުރި ކުޅުންތެރިޔާ ޝަހުބާޒިއަން ބަލިކޮށްފައެވެ. އަދި ސެމީ ފައިނަލުގައި އަރުމީނިއާގެ އެއްވަނަ ކުޅުންތެރިޔާ ގަޔާނޭ ބަލިކޮށްގެން ފައިނަލަށް ގޮސްފައިވެއެވެ.

މުބާރާތުގެ މިކްސް ޑަބަލްސް ކެޓަގަރީގައި ލައިބާ ވަނީ އަރުމީނިއާގެ އެރިކްއާ ޕެއަރވެގެން ކުޅެ، ސައިޕްރަސްގެ ޕެއަރއާ ވާދަކޮށް 21-11 އަދި 25-23 ގެ ނަތީޖާއަކުން މި ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.
އަދި ޑަބަލްސް ކެޓަގަރީގައި ލައިބާ ވަނީ ސައިޕްރަސްގެ އެއްވަނަ ކުޅުންތެރިޔާ އެމީލިއާއާ ޕެއަރވެގެން ކުޅެ، ފައިނަލުގައި ޖޯޖިއާ އަދި ސައިޕްރަސްގެ ޕެއަރއާ ވާދަކޮށް 21-11 އަދި 21-11 ގެ ނަތީޖާއަކުން މި ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ބެޑްމިންޓަން ޔޫރަޕަކީ ޔުއެފާ ފަދައިން ޔޫރަޕްގެ ބެޑްމިންޓަން ކުޅިވަރު ހިންގާ އިދާރާއެވެ.
’އަރުމީނިއާ ޔޫތު އޯޕަން 2025‘ އަކީ ޔޫރަޕް ކަލަންޑަރުގައި ހިމެނޭ، ބެޑްމިންޓަން ފެޑެރޭޝަން އޮފް އަރުމީނިއާއިން އިންތިޒާމުކުރި މުބާރާތެކެވެ.


