މަސްތުވާތަކެއްޗާއެކު ބ. ތުޅާދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މީހާ ހައްޔަރުކުރީ، މި މަހު 5 ވަނަ ދުވަހު ތުޅާދޫގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންއެއްގައި ކަމަށެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސާއި ތުޅާދޫ ޕޮލިހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ / ހިތިގަސްދޮށުގެ، އަދުހަމް ރަޝީދު (23އ) އެވެ.

ފުލުހުން ބުނިގޮތުގައި، ތުޅާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ ތުޅާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



