މެލޭޝިއާގައި އިއްޔެގެ ވަގުތެއްގައި ނިޔާވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދުގެ މޫނު ދެއްކުން އޮންނާނީ މާދަމާ މެންދުރުކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު ވިދާޅުވެއްޖެއެވެ.
ޝެއިހް ފަރީދުގެ ކޮއްކޯފުޅު ޝެއިހް އަލީ ޒައީދު ސޯޝަލް މީޑިއާގައި ކުރި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ޕޯސްޓުގައިވާގޮތުން ޝެއިހް ފަރީދުގެ މޫނު ދެއްކުން އޮންނާނީ މާދަމާ މެންދުރު 11:00 އާއި 12:30 އާ ދެމެދު، މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައެވެ.
ކަށުނަމާދު އޮންނާނީ ހަމަ އެމިސްކިތުގައި މެންދުރު ނަމާދަށް ފަހުގައެވެ.
އަދި ވަޅުލުމަށް ހަމަޖެހިފައި ވަނި ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ.

ޝައިހް ފަރީދު ނިޔާވީ، ދީނީ ދަރުހެއް ދެއްވުމަށް މެލޭޝިއާއަށް ފޭބި ވަގުތު އެއާޕޯޓުގައި ހުއްޓައެވެ.
އޭނާ ވަޑައިގެންނެވީ ދީނީ ދައުވަތުގެ މަސައްކަތުގެ ދަށުން ދަރުސް ދެއްވުމަށެވެ.
އަލް މައުހަދުން ތައުލީމު ހާސިލު ކުރެއްވި ޝެއިހް ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެެރި އެކެވެ.
އެގޮތުން އެކި ރަށްރަށަށް ވަޑައިގެން ވެސް ދީނީ ގިނަ ދަރުސްތައް ޝެއިހް ފަރީދު ވަނީ ދެއްވާފަ އެވެ.
ޝެއިހް ފަރީދަކީ ދީނީ އެކި މައުލޫމާތު ގެެނެސްދޭ ޓީވީ ޗެނަލް ”އަލް ކައުނު“ ގެ ޗެއާމަން ވެސް މެއެވެ.



